logo

މުޖުތަމައުގައި އަދަބު އިހުތިރާމު ގެއްލުނީ ބިރަކާ ނުލައި މަޖާކުރުމުގެ ސަގާފަތުގެ ސަބަބުން: އިބްރާހީމް ދީދީ

މަރްޔަމް
7 ގަޑިއިރު ކުރިން

ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އޮތް ލޯތްބާއި، ކުލުނާއި އަދި އަދަބު އިހުތިރާމު ކުރުމުގެ ރިވެތި އާދަތައް ފަނޑުވެގެން ދިޔައީ މާޒީގައި ރާއްޖެއަށް ތައާރަފުވި "ބިރަކާ ނުލައި މަޖާކުރުމުގެ" ސިޔާސީ ފަލްސަފާގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޖަލްސާގައި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ފަރުދުންގެ އަބުރާއި މުދަލާއި ގެދޮރު ހިމާޔަތްކުރުމަށް ވަރުގަދަ ގާނޫނީ އޮނިގަނޑުތައް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެފަދަ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކުން ބަދަލު ހޯދައިދެވޭނެ ހަރުދަނާ ނިޒާމުތައް އެ ތަންތަނުގައި ގާއިމުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިހުގެ ދިރިއުޅުމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، އޭރުގެ ދިރިއުޅުމަކީ ދަތި އުނދަގޫ ދުވަސްވަރެއް ކަމުގައި ވިޔަސް، މުޖުތަމައު އޮތީ އެއްބައިވަންތަކަމާއި އަޅާލުމުގެ މަތީގައި ކަމަށެވެ. އެގޮތުން ކުޑަކުދިން ބޮޑެތި މީހުންނަށް އިހުތިރާމުކުރުމާއި، އަވަށްޓެރިކަމުގެ ގުޅުން ބަދަހިކޮށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިއަދު އެ ރީތި ސިފަތައް މުޖުތަމައުން ފޮހެވި، މަގުމައްޗަކީ ރައްކާތެރިކަމާއި އިންސާނީ ކަރާމާތް ދެމެހެއްޓޭނެ މާހައުލަކަށް ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސޯޝަލް މީޑިއާގެ މަންސަތަކާއި ޓީވީ ޕްރޮގްރާމުތަކުގެ އިތުރުން އާންމު ސްޓޭޖުތަކުގައި މީހުންގެ އަބުރު ކަތިލުމަކީ އާދައިގެ ކަމަކަށް ވެފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ނޭދެވޭ އަސަރު މައުސޫމު ކުޑަކުދިންނަށް ސީދާ ގޮތެއްގައި ފޯރަމުންދާ ކަމަށާއި، މަގުމަތިންނާއި ސްކޫލުތަކުގެ ދޮރުމަތިން ފުރައްސާރަކުރުމާއި، ކުދިންގެ ފޮޓޯ ނަގައި އާންމުކުރުން ފަދަ ދަށުދަރަޖައިގެ އަމަލުތައް މުޖުތަމައުގައި އިތުރުވަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އިބްރާހީމް ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދު ފެންނަމުން މިދަނީ ޒަމާންތަކެއް ވަންދެން މުޖުތަމައަށް ވިއްކި ދޯހަޅި ވިސްނުމުގެ ހިތި ނަތީޖާއެވެ. އެގޮތުން އެއްވެސް ޖެހިލުމެއްނެތި ދޮގު ވާހަކަތައް ފެތުރުމާއި، މީސްތަކުންގެ ވިޔަފާރިތައް ހަލާކުކުރުމާއި، އާއިލާތަކުގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމުގެ އަމަލުތައް ގިނަވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ދަތިކުރުމުގެ އިތުރުން، ބޭރު ދުނިޔޭގައި ގައުމުގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ އަދަބު އިހުތިރާމު އަލާކުރުމުގެ ގައުމީ މަސައްކަތާއި، އަބުރު ރައްކާތެރިކުރުމުގެ ގާނޫނީ އޮނިގަނޑުގެ ސަބަބުން މި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެއަކީ އަނެއްކާވެސް އަމާން، އުފާވެރި އަދި އެކަކު އަނެކަކަށް އިހުތިރާމުކުރާ ތަހުޒީބު މުޖުތަމައަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ad