ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ޑައިވަރަކު ޑީކޯވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެމީހާއަށް ފަރުވާ ދެމުން އަންނަނިކޮށް ނިޔާވެފައިވާ ކަމަށް މިހާރު ވަނީ ކަށަވަރުވެފައެވެ.
އެމްއެންޑީއެފުން އިން ބުނީ ނިޔާވެފައިވަނީ ސްޓާފް ސާޖެންޓް، މުހައްމަދު މަހުދީ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މިއަދު ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ފީނަން އުޅުމުގެ ތެރޭގައެވެ.
ނިޔާވި ސިފައިންގެ މީހާ ނިޔާވީ ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ.
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ.
ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި، އެއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށް ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހަމައްދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ.


