ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ގެ ނަމުގައި ކުރިއަށްގެންދާ ސަމިޓު ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބާއްވާ މި ސަމިޓް ކުރިއަށް ދާނީ މި މަހުގެ 27 އިން 29 އަށް، ބާސެލޯ ނަސަންދުރާ ހޮޓެލްގައެވެ. މި ސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ "ޑިޖިޓަލް ފަސްޓް ނޭޝަން" ވިޝަން ހާސިލުކުރުމަށާއި، "މޯލްޑިވްސް 2.0" ގެ ރޯޑުމެޕްގައިވާ ކަންކަން ތަންފީޒުކުރުމަށް ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ.
ސަމިޓު ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ސަމިޓަކީ މޯލްޑިވްސް 2.0ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި މޯލްޑިވްސް 2.0ގެ ވިޝަން ޙާސިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ.
މީގެ އިތުރުން މިސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެކެވެ.
އަދި މި ސަމިޓުގެ މައިގަޑު މަގްސަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި، ޕަބްލިކް ސަރވިސަސް ޒަމާނީ ކުރުމާއި، ޑޭޓާ ޑްރައިވިން ގަވަރނަންސް ޤާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ޢަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނެއެވެ.
މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭގޮތުން އަލިއަޅުވާލުމާއި ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ޙަޤީޤީ ދުނިޔޭގެ ތަޖުރިބާތައް ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރެގައި ހިމެނެނީ މޮލްޑޯވަރގެ ޑިޖިޓަލައިޒޭޝަންގެ ފޯރމަރ ޕްރައިމް މިނިސްޓަރ މިސްޓަރ އިއުރީ ޓުރްކާނޯ،ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެވައިސް ޕްރެޒިޑެންޓް މިސްޓަރ ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ފޯރމަރ ޕްރޮގްރާމް ޑިރެކްޓަރ މިސް ޖެސިކާ މެކްއެވޮއީއެވެ.
ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނެ ދާއިރާތައް:
- ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ގަވަރނަންސް އާއި އިދާރީ ކޯޑިނޭޝަން ހަރުދަނާކުރުން.
- ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރުން.
- ރައްޔިތުންނަށް އިސްކަންދޭ (ސިޓިޒަން ސެންޓްރިކް) ޚިދުމަތްތައް ތަރައްޤީކުރުން.
- ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމާއި އިތުބާރު ހުރި ޑިޖިޓަލް މުއާމަލާތްތައް ގާއިމުކުރުން.
- އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އައު ޓެކްނޮލޮޖީތައް ޒިންމާދާރު ގޮތެއްގައި ބޭނުންކުރުން.
- މޯލްޑިވްސް 2.0 ގެ މަގުޗާޓުގައިވާ ކަންކަން އަމަލީ ގޮތުން ތަންފީޒުކުރުން.
މި ސަމިޓަކީ ރާއްޖޭގެ ދައުލަތުގެ ޚިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް ދާއިރާއިން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެއެވެ.
