logo

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ފުރުޞަތު ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - އޮބްޒާވަރުންނަށްވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2026 ފެބުރުވަރީ 09 ވާ ހޯމަ ދުވަހުން ފެށިގެން،2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނެ ޝަރުޠުތައް

އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމައި، ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުމާއި، އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި، އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުމުިގެ އިތުރުން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، އަދި އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް ވެސް އިސީން ވަނީ ބުނެފައެވެ.

ad