އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު ވަނީ އިއްވާފައެވެ. އެ ސީޓީފުޅު އިއްވެވުމުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާންކުރައްވާފައެވެ.
އީސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޑރ. މުޙައްމަދު ޒާހިރުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.
އީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރެވޭނީ އެކަމަށް ކުރިމަތިލުމަަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކުރުމުންނެވެ.

