logo

ޢީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވާންޖެހޭ: ޢީދު ޚުޠުބާ

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައިފިއެވެ.

"ޢީދުގެ އަދަބުތައް" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށެވެ. ޢީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއްކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ޙައްޖު މަސް ފެށުމާއެކު އެމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވާ ކަމަށެވެ.

އުޟުޙިޔާ ކަތިލުމަކީ އިބުރާހީމު ޢަލައިހިއްސަލާމުގެ މިއްލަތުގައި އަޅުކަމަކަށްވީ ފަދައިން، އިސްލާމީ ޝަރީޢަތުގައި ވެސް އެ ކަން ވަނީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވައިފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޢީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެއް ކަމަށާއި، ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާކިޔައި، ޢީދުގެ އުފަލުގައި އެ އަޚުންނާއި އުޚުތުން ވެސް ބައިވެރިކުރުމަށް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ޚުޠުބާގައި ބުނީ، އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާންނައްތައިނުލައި، ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރުމަށެވެ. މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށް ނަޞްރާއި ކާމިޔާބުދެއްވާތޯ ދުޢާކުރުމަށާއި، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ބޮޑާކަމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ތިމާގެ ކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލުމަށް ގޮވާލާފައެވެ.

އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭކަމަށް ޞައްޙަ ޙަދީޘްތަކުގައި އައިސްފައިވާ ކަމަށާއި، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ އެ ދުވަހު ރައްކާތެރިކަމެއް ނެތްކަން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ad