logo

އެސްޓޯނިޔާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނަށް، ރައީސް ތަހުނިޔާ ފޮނުއްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިޔާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ އަލާރް ކަރިސް އަށާ، ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓެން މިހަލްއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އެސްޓޯނިޔާގެ ރައީސް، ކަރިސް އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެސްޓޯނިޔާގެ ސަރުކާރާއި ރައްޔިތުންނަށް، ތަހުނިޔާ ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު، މި މުނާސަބަތު ފާހަގަ ކުރައްވާފައި ވަނީ، އެސްޓޯނިޔާގެ ރައްޔިތުންގެ ކިބައިގައިވާ، އެކުވެރިކަމާއި، ވިލުންތެރިކަން ރަމްޒުކޮށްދޭ ދުވަހެއްގެ ގޮތުގައެވެ. ހަމަ މިޔާއެކު، އެސްޓޯނިޔާއާއިއެކު އުފެދިފައިވާ، ބަދަހި ރަޙުމަތްތެރި ކަމުގެ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، ފާއިތުވެދިޔަ އަހަރު އެމަނިކުފާނު ޓެލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުން ޝައުގުވެރިކަން ހުރި ކަންތައްތަކުގައި ބައިވެރިވުމަށް، ފުރުސަތު ފަހިވެގެން ދިޔަކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި މުސްތަޤުބަލުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

ބޮޑުވަޒީރު މިހަލްއަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެސްޓޯނިޔާގެ ތަރައްޤީއާއި، ކުރިއެރުމަށްޓަކައި، ގެންގުޅުއްވާ ތަސައްވުރާ، ޢަޒުމުގެ މައްޗަށް ބައްލަވާ ލައްވާފައި ވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ކުރެވެމުންދާ މުޢާމަލާތްތަކުގެ ސަބަބުން، ދެޤައުމު ހިއްސާވާ، ގާތް، އަދި އުފެއްދުންތެރި ގުޅުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ސިޓީފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެސްޓޯނިޔާގެ ވެރިންނަށް ދުޅަހެޔޮ ޞިއްޙަތަކާއި، އުފާފާގަތިކަމާއި، އެސްޓޯނިޔާގެ ރައްޔިތުންނަށް އަމާންކަމާއި، ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ދުވަހުގެ މުނާސަބަތުގައި، ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި އެސްޓޯނިޔާގެ ރައްޔިތުންނަށް އުފާވެރި ފާގަތި އަހަރަކަށް އެދިވަޑައިގެންފައި ވެއެވެ

އެސްޓޯނިޔާގެ މިނިވަންދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފެބުރުވަރީ މަހުގެ 24 ވަނަ ދުވަސް ފާހަގަ ކުރަނީ، 1918 ވަނަ އަހަރު ރިޕަބްލިކް އޮފް އެސްޓޯނިޔާގެ ނަމުގައި، މިނިވަންކަން އިޢުލާނުކުރި މުނާސަބަތާ ގުޅުވައިގެންނެވެ.

ad