logo

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ވ ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ދަންވަރެވެ. މި ހާދިސާ ހިނގިތާ މިއަދަށް ހަފްތާއެއް ވެފައިވާއިރު، އަދިވެސް އެ މީހުން ފެނިފައެއް ނުވެއެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ފުލުހުން ބުނީ ލޯންޗުގައި ތިބީ، އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ.

އެ ހާދިސާގައި ފަސް މީހަކު ކަނޑަށް ވެއްޓުނުއިރު، އޭގެ ތެރޭގައި ހިމެނުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ނުފެންނަނީ އިންޑިއާގެ ދެ މީހެކެވެ.

ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން މަސައްކަތް ކޮށްފައި ވެއެވެ. ދެ މީހުން ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކުރަމުން ގޮސްފައި ވެއެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވ. އަތޮޅުގެ ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ.

ad