logo

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި %85 އަށްވުރެ ގިނަ މީހުން ވޯޓުލި

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

މިއަދު ކުރިއަށްގެންދިޔަ ވެރިކަން ކުރާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލައިފިއެވެ.

އިންތިޚާބުގެ ވޯޓުލުން ނިންމައިލުމަށްފަހު އެ ޕާޓީގެ ލީޑާޝިޕުން ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިއަދު 119 ރަށެއްގައި އިންތިޚާބު ބޭއްވިއިރު، 2،400 އެއްހައި ބޭފުޅުން އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކަމަަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މިއަދުގެ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށެވެ. އެ އިންތިޚާބު އޮތް ދާއިރާތަކުގައި 40،000 އެއްހައި މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަންް ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި އިންތިހާބުން ސާފުވި އަނެއް ކަމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރަމުން އަންނަ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމެވެ. އަދި މިކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދު އޮތް މިންވަރު ހާމަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ އިންތިހާބުގެ ކަންކަން މިހާ އޮމާންކަމާއެކީގައި ކުރިއަށް ދިޔަ ކަމަށްޓަކައި ޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދަން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މީގެކުރިން ބައެއް ސިޔާސީ ޕާޓީތަކުން ބޭއްވި އިންތިހާބުތަކުގައި ވޯޓު ފޮށި ވަގަށް ނަގައިގެން ގެންދިޔަ މަންޒަރާއި ވޯޓު ފޮށިތައް ފަޅާލި މަންޒަރު ފެންނާނެއެވެ. އެކަމަކު، ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މިއިން އެއްވެސް ކަމެއް ނުހިނގާ ސުލްހަވެރިކަމާއެކު ވޯޓުލުން ނިމިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ad