logo

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ފެށިގެން މިދިޔައީ ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް: ރައީސް ޑރ. މުޢިއްޒު

މަރްޔަމް
19 މިނިޓު ކުރިން

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ފެށިގެން މިދިޔައީ ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އިއްޔެ އެ ގައުމަށް ފެއްޓެވި ދަތުރުފުޅުގައި ދެއްވި ބަޔާނުގަ އެވެ.

ބޮޑުވަޒީރު ޝެހްބާޒާ އެކު ހުންނަވައިގެން ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ޕާކިސްތާނާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ހާސިލް ކުރުމަށް ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވި ކަމަކީ ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމުގެ އިތުރު ފުރުސަތައް ހުޅުވިގެން ދިޔަކަން. ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބުނު،" ބޮޑުވަޒީރު ޝެހްބާޒާ އެކު ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަލުން ވައިގެ ދަތުރުތައް ފެށުމަށް މަޝްވަރާކުރަމުން އަންނަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ ޓޫރިޒަމާއި ވިޔަފާރިއަށް ވެސް ހުޅުވޭނެ ދޮރެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ހަލާލް ޓޫރިޒަމްގެ ދާއިރާއަށް މީގެ ސަބަބުން ކުރިއެރުން އަންނާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ލީޑަރުންގެ ދެމެދުގައި މަޝްވަރާ ކުރެވުނުކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް، މަޝްވަރާގެ މަތިން ހައްލުކުރުމަށާއި އެ ހަމަނުޖެހުން ކުޑަކުރުމަށް އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ކުރަމުން އަންނަ ސިޔާސީ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތައުރީފު ކުރައްވާފަ އެވެ.

ރައީސް މުއިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ވޭތުވެދިޔަ10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރު ފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ކެބިނެޓްގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ad