އިމްޕޯޓް ޑިއުޓީއަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ކަމަށް ވާއިރު، ކަސްޓަމްސްއަށް ލިބެން ޖެހި ނުލިބިފައިވާ ފައިސާ އިތުރުވެފައިވާތީ، ފައިސާ ނެގުމުގެ ބައި ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރަން މަރުކަޒީ ބޭންކް، އެމްއެމްްއޭއިން ލަފާދީފި އެވެ.
އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ދިން ލަފާގައި ބުނީ ކަސްޓަމްސްއަށް ލިބެންޖެހި ނުލިބިފައިވާ ފައިސާ އިތުރުވެފައިވާކަން ބަޖެޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ޑިއުޓީ ނެގުމުގެ ކަންތައް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުން ހިމެނޭ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރަން ފަސް ކަމެއް ކުރަން އެމްއެމްއޭ އިން ލަފާ ދިނެވެ.
"އިމްޕޯޓް ޑިއުޓީއަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް. މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ލިބެން ޖެހި ނުލިބިވާ ފައިސާ ވެސް ވަނީ އިތުރުވެފައިކަން ބަޖެޓްގައި ފާހަގަކޮށްފައިވޭ. މިގޮތުން ކަސްޓަމްސްގެ ފިސްކަލް (ރެވެނިއު އެޑްމިނިސްޓްރޭޝަން) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒްގެ އޯވަސައިޓްގެ ދަށަށް ގެނައުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެން،" ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް އެމްއެމްއޭއިން ދިން ލަފާގައި ބުންޏެވެ.
މިގޮތުން ދެއްވި ލަފާތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް އިތުރަށް މަޑުޖެހިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ހަރުދަނާ ޕްލޭނެއް ރޭވުމާ އެކު އިގުތިސާދު ޑައިވާސިފައިކުރުމާއި ކޯޕަރޭަޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުކުރެވިދާނެ ކަމަށް ގަބޫލުކުރުން، ރެވެނިއު އެޑްމިނިސްޓްރޭޝަން އިތުރަށް ހަރުދަނާކުރުން އަދި މީގެ އިތުރުން ކަސްޓަމްސްގެ ރެވެނިއު އެޑްމިނިސްޓްރޭޝަން ފިނޭންސުން ބަލާކަމަކަަށް ބަދަލުކުރުން. އަދި ރިސޯޓްތަކުގެ ކުލި އިތުރު ކޮށްގެންނާއި ޓޫރިޒަމް މިނިސްޓްރީއަށް އެހެން ފީތަކުން ޙޯދަން އަމާޒުކޮށްފައިވާ ފައިސާ ހޯދަން ކަމާ ބެހޭ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރުން. މީގެ ތެރޭގައި ހިމެނެއެވެ.
އާމްދަނީ އިތުރުކުރަން ލަފާ ދިނުމާ އެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރަން ވެސް އެމްއެމްއޭއިން ލަފާދިނެވެ. އޭގެ އެއް ކަމަކީ މަތީ އާމްދަނީ ލިބޭ މީހުން އާސަންދައަށް ކޯޕޭމަންޓް ދައްކަންޖެހޭ ގޮތަށް ހެދި އުސޫލު ހިމެނޭ ގޮތުން އާސަންދަ އިސްލާހުކުރުމުގެ ޕްލޭން ތަންފީޒުކުރުމެވެ.
ބޭރު ފައިސާއިން ކުރާ ހަރަދު ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަކީ ވެސް ހަރަދުކުޑަކުރުމުގެ ގޮތުން ކުރަން އެމްއެމްއޭއިން ހުށަހެޅި ކަމެކެވެ.
ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫއުތަކަށް ހަރަދު ކުރުމުގައި މިހާރު ފަށާފައިވާ މަޝްރޫއުތަކަށް އިސްކަންދޭން ވެސް އެ އޮތޯރިޓީން ލަފާ ދިނެވެ. މިކަންތައްތައް ހިމެނޭ ގޮތުން ހަރަދުކުޑަކުރުމުގެ 11 ފިޔަވަޅެއް އަޅަން އެމްއެމްއޭއިން ދިން ލަފާތަކުގައި ވެ އެވެ.

