logo

ކަނޑުމަގުން މުދާ ބޭރުކުރުމުގެ ކްލިއަރެންސަށް 10 ދުވަސް ހޭދަވޭ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަސް ނަގާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ ކަސްޓަމްސްއިން އެކުލަވާލާފައިވާ "ޓައިމް ރިލީޒް ސްޓަޑީ 2025" ގައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ، މުދާ ބޭރުކުރުމުގެ މަރުހަލާގެ ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ކަމަށެވެ.މި ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓުކަމަށެވެ.

ދިރާސާއިން ދައްކާ ގޮތުގައި ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވެއެވެ. އަދި ފައިސާ ދެއްކުމަށްފަހު އޮފް-ޝޯ ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރާއި 55 މިނެޓު ހޭދަވާއިރު އޮފް-ޝޯ އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރާއި 47 މިނެޓް ހޭދަވެއެވެ.

މުދާ ބަލައި ފާސްކުރުމުގެ މަރުހަލާއަށްވެސް ގިނަ ވަގުތު ހޭދަވެއެވެ. އެގޮތުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް އެއް ދުވަހާއި، ނުވަ ގަޑިއިރާއި، 35 މިނެޓު ހޭދަވެއެވެ. މިއީ ބަނދަރުގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުމަށް ހޭދަވާ ވަގުތެވެ.

ބުކިން ފޯމަށް ހުއްދަ ލިބުމަށް ގާތްގަނޑަކަށް އެއް ދުވަހާއި، 13 ގަޑިއިރާއި، 57 މިނެޓު ހޭދަވާއިރު، މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. މި މަރުހަލާއަށް އެކަނިވެސް ދެ ދުވަހާއި، 12 ގަޑިއިރާއި، ތިން މިނެޓު ހޭދަވެއެވެ.

ad