ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަފުތާގައި ސްކޭމްގެ 32 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. އެއީ 17 މައްސަލައެކެވެ.
ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ ފައިސާ މާރުކުރާ ރޭޓް އާދަޔާ ހިލާފަށް ރަނގަޅު ނަމަ އެއީ ސްކޭމަކަށް ވެދާނެ ކަމަށެވެ. އެހެންވެ، ފައިސާ ޖަމާކުރުމުގެ ކުރިން މާރުކުރާފަރާތުގެ ފައިސާ ލިބިއްޖެތޯ ޔަގީންކުރުމަށާއި ކާކުކަން ކަށަވަރުނުވާ ނަމަ ފައިސާ ނުފޮނުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މިދިޔަ މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ޖުމްލަ އަދަދަކީ 32 އެކެވެ. އެ މައްސަލަތަކުގައި 737،695ރ. ގެއްލިފައިވާއިރު އަނބުރާ ހޯދުނީ 144،558ރ. އެވެ.
ފައިސާ މާރުކުރުމުގެ މައްސަލަތަކަށް ފަހު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އީކޮމާސްއާ ގުޅޭ ސްކޭމް މައްސަލަތަކެެވެ. އެފަދަ ހަ މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އަދި އިންވެސްޓްމަންޓާ ގުޅޭ ހަތަރު މައްސަލައެއްގެ އިތުރުން އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމުގެ މައްސަލައަކާއި އެހެނިހެން ބާވަތްތަކުގެ ހަތަރު މައްސަލައެއް ހިމެނެ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބޭނުންކޮށްފައި ވަނީ އޮންލައިން މެސެޖިން ޕްލެޓްފޯމްތަކެވެ. އޭގެ ތެރޭގައި އައިބޭ އާއި ޓިކްޓޮކް އަދި ފޭސްބުކް މާކެޓްޕްލޭސް އާއި ފިޝިން ލިންކާއި ފޯނު ކޯލްތައް ހިމެނެ އެވެ.

