ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބަންދުކުރަން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް، މިއަދުގެ މެންދުރުފަހު ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފައިވަނިކޮށް އަޑު އެހުން ކެންސަލްކޮށްފިއެވެ. ކެންސަލްކުރި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.
ފުލުހުންގެ ބަންދުގައި ހުންނެވި ޝާހިދުގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން މައްސަލައިގެ އަޑުއެހުން މިއަދު ބާއްވަން ތާވަލުކުރި ނަމަވެސް، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އާންމުކޮށް ސިއްރުކޮށްގެން ކުރިއަށްގެންދާ މައްސަލަތަކަކަށް ވާތީ، މި އަޑުއެހުމާ ގުޅޭ އިތުރު ތަފުސީލެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރިން ކުރައްވާފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ ފަންތީގެ އެތައް މަޤާމެއް ފުރުއްވާފައިވާ، އުމުރުން 64 އަހަރުގެ ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުގަ އެވެ.
ހައްޔަރުކުރުމާ ގުޅިގެން ޝާހިދު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތުކުރައްވައެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ ކަމެއް ނުހިމެނޭ ކަމަށެވެ.
ނިސާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު ވެސް ލިބިވަޑައިގެންފައިވާ ޝާހިދުގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް އަމާޒުވެފައި މިވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ހޯދުމުގެ މަސައްކަތް އޭނާ ކުރައްވަމުން ގެންދަވަނިކޮށެވެ.

