logo

ދިވެހި ފައިސާ މަދުކުރުމަށް އެމްއެމްއޭއިން އިތުރު ފިޔަވަޅުތަކެއް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

އިގުތިސާދުގައި ދައުރުވާ ފައިސާ މަދުކުރަން ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އެ ގޮތުން ނިންމި އެއް ބަދަލަކީ އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަމެންޓްސް (އެމްއާރްއާރް) އަދަދު މަތިކުރުމެވެ. އެމްއާރްއާރްއަކީ ރާއްޖޭގެ ބޭންކުތަކަށް ޖަމާވާ ފައިސާގެ ތެރެއިން ސީދާ އެމްއެމްއޭގައި ރައްކާކުރަންޖެހޭ މިންވަރެވެ.

އެ ގޮތިން އެ އަދަދު 10.5 ޕަސެންޓުން 11 ޕަސެންޓަށް މަތިކުރުމަށާއި އަދި މިއަދަދު ކޮންމެ ތިން މަހަކުން ރިވިއުކުރުމަށް ނިންމާފައިވެ އެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. ހަމައެހެންމެ 2027 ވަނަ އަހަރު ތެރޭގައި ކޮންމެ ތިން މަހަކުން ބޯޑުން ރިވިއުކުރެމުން ގެންދާ ގޮތަށް އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްއާރުއާރް 13 އިންސައްތައާއި ހަމައަށް މަރުހަލާތަކަކުން އުފުލުމަށް ވަނީ ނިންމާފައިވެއެވެ.

މީގެ އިތުރުން ބާޒާރުގައި ދައުރުވާ ފައިސާ ހިފެހެއްޓުމުގެ ގޮތުން ހިންގާ އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ގެ ރޭޓު 10 ބޭސިސް ޕޮއިންޓަށް މައްޗަށް ޖެއްސުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ހިންގަން ފެށި ފަހުން، ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީގެ ތެރެއިން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނިޒާމުގެ ތެރެއިން ނަގާފަ އެވެ. އެ މުއްދަތުގެ ތެރޭގައި ކުރު ރާސްތާ ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ތިރިވެފައިވާކަންވެސް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

މި ފިޔަވަޅު އަޅަން ނިންމީ ރާއްޖޭގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު 21.75 އަށްވުރެ މައްޗަށް ގޮސްފައިވަނި ކޮށެވެ.

ad