logo

އުފެއްދުންތެރިކަމުގެ މައުރަޒަށް 350 އަށްވުރެ ގިނަ އެޕްލިކޭޝަން

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ބައިވެރިވުމަށް އެދި މިހާތަނަށް 350 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ އަދަދާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ބީސީސީން ބުނި ގޮތުގައި، މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވަނީ 240 ފަރާތަކުންނެވެ. ނަމަވެސް މިއަހަރުގެ މައުރަޒަށް މިހާތަނަށް 350 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ރާއްޖޭގެ އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ޑިޖިޓަލް އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ހުޅުވާލެވޭ މުހިންމު ފުރުސަތެކެވެ.މި މައުރަޒުގައި ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓް 31ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި ކައުންސިލުތަކަށްވެސް ބައިވެރިވެވޭނެއެވެ.

މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މިއަހަރުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި، މާކެޓު ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ.

މިއަހަރުގެ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރ މަހުގެ 23 އިން 31 އަށެވެ. މި މަޢުރަޒަކީ، ދިވެހި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ބޮޑު ފުރުޞަތަކަށްވާއިރު، އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބީސީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. މި މަޢުރަޒުގައި ބައިވެރިވުމަށް އެދި expo.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

ad