ޝަރުއީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްތެއްގައި ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ، މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ޝަރުޢީ ދާއިރާގައި ޚިދުމަތްކުރެއްވުމުގެ އިތުރުން ޢަލީ ޝަފީޤަކީ، ދ.މީދޫގައި އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތް، ދިގު މުއްދަތެއްގައި ކުރެއްވި، ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، މުޖްތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ޤާރީއެއް އަދި އެދުރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސ އިތުރަށް ވިދާޅުވީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލަހައްޓެވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

.jpg&w=256&q=75)
