ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް 39 އަހަރު އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް 43 އަހަރެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އިއްޔެ ހެނދުނު 8:45 އެހައިކަންހާއިރުއެވެ.
އަދި މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކުއެވެ.
ފުލުހުން އިތުރަށް ބުނީ، މި ދެ މީހުންނަކީ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށެވެ.
އަދި އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

