logo

"ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ރަސްމީކޮށް އިއުލާނުކޮށްފި

އާމިނަތު މޫސާ
20 ދުވަސް ކުރިން

ރާއްޖޭގައި އިންވެސްޓް ކޮށްގެން ދިރިއުޅެވޭނެ " ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

" ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު މުޅި ދުނިޔެއަށް ރަސްމީކޮށް އިއުލާނުކޮށްފައިވަނީ އިއްޔެ ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސުގައި އިގްތިސޯދާއި ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

އިގްތިސޯދާއި ބެހޭ ވުޒާރާއިން ބުނީ އެ ޕްރޮގްރާމާއިއެކު ރާއްޖޭގައި ޒިންމާދާރު އިންވެސްޓްމަންޓު ކުރުމުގެ އާ ޒަމާނެއް ފެށިގެންދާނެ ކަމަށެވެ. އަދި އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި، ދުރު ރާސްތާގައި އަގު ލިބޭ ގޮތަށް ގުޅިލާމެހޭ ފުރުސަތުތަައް ފަހިވެގެންދާނެ ކަމަށެވެ.

އެ ޕްރޮގްރާމަކީ އިގުތިސޯދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރައްވަމުންދާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

އިގްތިސޯދާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ ޕްރޮގްރާމް މިހާރު އިއުލާނުކުރިއަސް ރަސްމީކޮށް ފެށުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައި ކަމަށެވެ.

މި ޕްރޮގްރާމް ފުރަތަމަ އިއުލާންކުރީ ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. ސަރުކާރުން ވަނީ އެ ޕްރޮގްރާމް ފަރުމާކުރަން އިނގިރޭސިވިލާތުގެ އަމިއްލަ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައެވެ.

ad