އެމްޑީޕީ އުފެދިގެން އައީ ތަފާތު ސަގާފަތްތައް ބަލައިގަންނަ، މަލްޓިކަލްޗަރަލް އަދި ލިބަރަލް އަގުތަކެއްގެ މައްޗަށް ކަމަށް ވިދާޅުވާ ވިދާޅުވުން، ކުރީގެ ރައީސް އަދި މިހާރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ދަންނަ އެމްޑީޕީއަކީ "ތިމާގެ ވިސްނުން، ނޭފަތު ކުރިއަށްވުރެން ދުރަށް، ރަށު ގޮނޑުދޮށުންވެސް ދުރަށް، އަތޮޅު ދުނިންވެސް ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް" ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ތަސައްވުރަކީ އެކަހެރިކަމާއި ހަނި ގައުމިއްޔަތު ފަހަނައަޅައި ދިވެހިރާއްޖެ ކުރިއަށް ގެންދިއުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެއްދީ ރަށްރަށާއި އަތޮޅުތަކުގެ އެކަހެރިކަން ނައްތާލައި، ގައުމު ކުރިއަށް ގެންގޮސް، ބައިނަލްއަގުވާމީ މުޖުތަމައާ ދިވެހިރާއްޖެ ގުޅުވައިލަދިނުމުގެ ތަސައްވުރާ އެކު ކަމަށެވެ.
އެމަނިކުފާނު އެމްޑީޕީ ސިފަކުރެއްވީ ތަފާތު ސަގާފަތްތަކަށް ޖާގަދޭ، ލިބަރަލް ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއްގެ ގޮތުގައެވެ. އަދި ދިވެހި ރައްޔިތުންގެ އުންމީދުތައް އަމާޒުވާންވާނީ ތަރައްގީއަށާއި، ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދުމަށްކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމާނީ ދިވެހި މުޖުތަމައުގެ ހަގީގަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވަނީ، ދިވެހި އާއިލާތަކުގެ ގެދޮރު މާލެއާއި ސްރީލަންކާގައި ހުންނައިރު، އެ އާއިލާތަކުގެ ދަރިން އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅުން ބިނާކުރަމުންދާކަން ފަހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ތަކުރާރުކޮށް ގައުމިއްޔަތުގެ ނަމުގައި ގޮވާލާ ގޮވާލުންތަކުގެ ސަބަބުން، ދުނިޔެއަށް ހުޅުވިފައިވާ މުޖުތަމައަކުން އާންމު ދިވެހިންނަށް ލިބެން އޮތް ފުރުސަތުތަކާއި އުފާވެރިކަން ނިގުޅައިގަންނަން އުޅުމަކީ މަގުއޮޅިފައިވާ، ހަގީގަތާ ހިލާފު ވިސްނުމެއް ކަމަށެވެ.
ނަޝީދުގެ މި ވާހަކަފުޅުތައް އައިސްފައި މިވަނީ، އިދިކޮޅު އެމްޑީޕީގެ ސިޔާސީ މިސްރާބާއި، ބޭރުގެ އިންވެސްޓްމަންޓްތަކާ މެދު، ހާއްސަކޮށް ރަސްމާލެ މަޝްރޫއާ މެދު އެ ޕާޓީން ގެންގުޅޭ ވިސްނުމާމެދު ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ތެރޭގައި ހަރުކަށި ނެޝެނަލިސްޓް ވިސނުންތަކަށް ޖާގަ ލިބެމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެފަދަ ވިސްނުންތަކަކީ އެމްޑީޕީ އުފެދުނު ލިބަރަލް އަދި ތަފާތު ސަގާފަތްތައް ބަލައިގަންނަ އަސާސްތަކާ ފުށުއަރާ ކަންކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.


