ޔަމަންގެ ހޫތީންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ ޖޮއިންޓް ފޯސަސް ކޯލިޝަންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ފަހުދު ބިން ހަމަދު އަލް ސަލްމާން މަގާމުން ވަކިކޮށްފި.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އިއްޔެ ނެރުއްވި ރަސްމީ އަމުރުފުޅެއްގައި، ކޯލިޝަންގެ އާ ކޮމާންޑަރަކަށް ސައޫދީ އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ޖެނެރަލް ފައްޔާޒް ބިން ހާމިދު އަލް ރުވައިލީ ވަނީހަމަޖައްސާފައެވެ.އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރު ވެސް ހުންނެވި ޗީފް އޮފް ސްޓާފްގެ މަގާމާ އެކުގަ އެވެ.
މަގާމުން ދުރުކުރެވުނު ފަހުދު ބިން ހަމަދު އަލް ސަލްމާން ވަނީ ސައޫދީ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާންގެ އަސްކަރީ ކަންކަމާ ބެހޭ މުޝީރަކަށް ހަމަޖައްސާފައެވެ. މި ބަދަލު ގެނެސްފައިވަނީ ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް އަލުން ހިފުމަށް އިއްތިހާދުގެ ސިފައިން ކުރަމުންދިޔަ މަސައްކަތް ހުއްޓާލައި، ޔަމަނު ސަރުކާރުގެ ވަގުތީ ވެރިރަށް އަދަން ދިފާއުކުރުމަށް އެ ސަރަހައްދުތަކުން ސިފައިން ފަހަތަށް ޖެހެން މަޖުބޫރުވިތާ އެއް ދުވަސް ފަހުންނެވެ.
ހޫތީ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަކޮށް، ޔަމަނުގެ ވަގުތީ ވެރިރަށް އަދަންއާ 60 ކިލޯމީޓަރަށް ކައިރިވުމާ ގުޅިގެން، ކޯލިޝަން ސިފައިން ވަނީ އަދަންގެ ދިފާއީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހަތަށް ޖެހިފަ އެވެ. މިދިޔަ ޖުލައި މަހު ޔަމަނުގެ ހަނގުރާމަ އަލުން ހޫނުވުމަށް ފަހު، ސެޕްޓެމްބަރު މަހު ހޫތީން ވަނީ ބަނދަރުމަތީ ރަށެއް ކަމަށްވާ މޮޚާ ވެސް ހިފައިފަ އެވެ. އަދި ސައޫދީގެ އެއާޕޯޓްތަކަށާއި ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް ހޫތީން ދަނީ ބެލިސްޓިކް މިސައިލް ހަމަލާތައް ވެސް ދެމުންނެވެ.
އަސްކަރީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ސައޫދީ ޗީފް އޮފް ޖެނެރަލް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް ފައްޔާޟް އަލް ރުވައިލީއާ އިއްތިހާދުގެ ކޮމާންޑަރުކަން ހަވާލުކުރުމަކީ، ޔަމަނުގެ ހަނގުރާމައިގެ ކަންކަން ސީދާ ސައޫދީ އަސްކަރިއްޔާގެ އެންމެ މަތީ ވެރިންގެ ބެލުމުގެ ދަށަށް ގެނައުމަށް އެޅި ފިޔަވަޅެކެވެ. ނަމަވެސް ޔަމަނު ސަރުކާރުގެ ސިފައިންގެ މެދުގައި އޮތް ބައިބައިވުންތަކާއި މައިދާނުގެ ހާލަތު އޮތް ގޮތުން، ހަމައެކަނި ކޮމާންޑަރު ބަދަލުކޮށްލުމުން ހަނގުރާމައިގެ ނަތީޖާއަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމާމެދު ބައެއް ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.

