logo

ޕާކިސްތާނުގެ ސަފީރަކަށް އަނެއްކާ ވެސް ކަނޑުގެ ސިފައިންގެ ކުރީގެ އިސް އޮފިސަރެއް

މަރްޔަމް
5 ގަޑިއިރު ކުރިން
ޕާކިސްތާނުން ރާއްޖެއަށް ކަނޑަ އެޅުއްވި އާ ސަފީރު  ވައިސް އެޑްމިރަލް  ރިޓަޔަޑް އުވައިސް އަހްމަދު ބިލްގްރާމީ

ޕާކިސްތާނުން ރާއްޖެއަށް ކަނޑަ އެޅުއްވި އާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަޑް އުވައިސް އަހްމަދު ބިލްގްރާމީ

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރަކަށް، އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވައިސް އެޑްމިރަލްއެއްގެ މަގާމުން ރިޓަޔާކުރެއްވި ބޭފުޅަކު ކަނޑައަޅައިފި އެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ ވައިސްއެޑްމިރަލް ރިޓަޔާޑް އުވައިސް އަހްމަދު ބިލްގްރާމީ އެވެ.

ސަފީރުކަމަށް އޭނާ އައްޔަންކުރަން ނިންމުމުން ޒަރުދާރީ މިދިޔަ ހުކުރު ދުވަހު އޭނާއާ ބައްދަލުކުރެއްވި އެވެ.

އުވައިސް އަހުމަދަކީ ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ވައިސް ޗީފް އޮފް ނޭވަލް ސްޓާފްކަމާއި ކޮމްޕާކް ފްލީޓާއި ކޮމްޕާކް އާއި ކޮމްކާރްގެ ކޮމާންޑަރުކަމާއި ޕީއެންއެސް ޚަައިބަރު ނަމަކަށް ކިޔާ މަނަަވަރުގެ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޕާކިސްތާން އަސްކަރިއްޔާއިން ރިޓަޔާކުރެއްވި ފަހުން އޭނާ ވަނީ ޑިފެންސް މިނިސްޓްރީގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޗީފް އޮފް ނޭވަލް ސްޓާފްގެ މަގާމު އަދާކުރައްވާފަ އެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ދައުރު އެންމެ ފަހުން ފުރިހަަމަކުރެއްވި ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ރައީސް މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތްކުރެއްވީ މިދިޔަ ހޯމަދުވަހު އެވެ.

ad