އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ވިޔަފާރި ފޯރަމެއް މި މަހު ކުރިއަށްގެންދަން ނިންމާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި އަމާޒު ހާުސިލްކުުރުމަށް އައްޑޫ ސިޓީ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް މި މަހުގެ 13 އަދި 14 ގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާއި، ދިނުމަށް ހަމަޖެހިފައިވާ އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ފޯރަމަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ އިންވެސްޓްމެންޓުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަަޖެހިފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން މިފަދަ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ވިޔަފާރިތައް ފުޅާކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމެވެ.
މީގެ އިތުރުން ވެސް މި ދަތުރުގެ ތެރޭގައި ހިތަދޫ ޕޯޓް ސަރަޙައްދުގައި ތަރައްޤީކުރާ ފްރީ ޒޯން މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ވެސް އެމްޕީއެލުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

