logo

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެ، 118 މިލިއަން ރުފިޔާގެ ސާޕްލަސްއެއް

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެ، 118 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ހިފަހައްޓައިފިއެވެ.

މާލީ ވުޒާރާއިން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގެ ހިސާބުތަށް ދައްކާގޮތުން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީ އެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާ ނުވަތަ 17.1 އިންސައްތަ އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ކޯޕަރޭޓް އިންކަމް ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުންކަމަށާއި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 637.6 މިލިއަން ރުފިޔާ ނުވަތަ 31.3 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުގެ ޖުމްލަ މި މުއްދަތުގައި ހުރީ 16.7 ބިލިއަން ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 13.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.1 ބިލިއަން ރުފިޔާ ނުވަތަ 22.4 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 2.6 ބިލިއަން ރުފިޔާ ނުވަތަ 21.6 އިންސައްތައިން އިތުރުވެ 14.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 441.9 މިލިއަން ރުފިޔާ ނުވަތަ 28.8 އިންސައްތައިން އިތުރުވެ 2.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، ކުރެވުނު ޖުމްލަ ޚަރަދަށްވުރެ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކޮށްފައި ވެއެވެ.

ޚަރަދުތަކަށް ބަލާއިރު، ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ޚަރަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން މި ޚަރަދުތަކަށް 2.1 ބިލިއަން ރުފިޔާ ހިނގާފައި ވެއެވެ.

މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު 5.3 ބިލިއަން ރުފިޔާއަށް އިތުރުވެފައި ވެއެވެ. މިއީ 2025 ވަނަ އަހަރުގެ 4.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 477.4 މިލިއަން ރުފިޔާ ނުވަތަ 9.9 އިންސައްތަ އިތުރު އަދަދެކެވެ. މި ބަދަލު އައިސްފައިވަނީ ސަރުކާރުގެ މުސާރަތައް އެއްހަމަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުންކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދެއެވެ. މީގެ ތެރެއިން މުސާރައާއި އުޖޫރައަށް 2.4 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ 13.0 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މުވައްޒަފުންގެ އިނާޔަތްތަކަށް 2.1 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ 7.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ޕެންޝަނާއި ރިޓަޔަރމަންޓް އިނާޔަތްތަކަށް 773.5 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ހާމަވާގޮތުގައި، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ، ހާއްސަކޮށް ވިޔަފާރިތަކުން ލިބޭ އާމްދަނީ އިތުރުވުމަކީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކޮށްދިން ކަމެކެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާއި ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތު ތަންފީޛްކުރުމުގެ ސަބަބުން ޚަރަދުތައް އިތުރުވެފައިވީ ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ބަޖެޓްގެ ސާޕަލްސް ވަނީ ދެމެހެއްޓިފަ އެވެ.

ad