ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުރިހަމަކުރުމަށް ރައީސް ގެންނަވާ ބަދަލުތަކެއް ގޮތުން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ހެޔޮ ބަދަލުތަކެއް ގެންނަވައިފިއެވެ.
މިގޮތުން ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުފުޅުކުރައްވައިފިއެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ:
1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް
3- މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބަށްފަހު ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިން ފެށިގެން ބައެއް ބޭފުޅުން މަގާމުން ދަނީ ވަކިކުރަމުންނެވެ.
އިއްޔެ ވަނީ ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފްވެސް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައިއެވެ. އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައެވެ. އަދި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައެވެ. އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.


