ހިތުގެ ބަލިތަކަށް ބޭނުންވާ މުހިއްމު ފަރުވާތަކެއް ކާމިޔާބުކަމާއެ ކުއައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް)އިން ފަށައިފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި (އޭއީއެޗް) ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން، ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚީ ކާމިޔާބީތަކެއް ހޯދާފައެވެ.
މާރިޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށް ގެންދިޔަ މި ޚާއްޞަ ދަތުރުގެ ތެރެއިން، މާލެއިން ބޭރުން ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ވަނީ ފަށާފައެވެ.
މީގެ އިތުރުން ހިތުގެ މައްސަލަތަކަށް ބޭނުންވާ މުހިންމު އެހެން ފަރުވާތައް ކަމަށްވާ "އައިސީޑީ" އަދި "ޕާމަނަންޓް ޕޭސްމޭކަރ" ހަރުކުރުމުގެ ޚިދުމަތް ވެސް މި ދަތުރުގައި ވަނީ ތަޢާރަފުކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ޖުމްލަ 11 އެންޖިއޯގްރާމާއި 6 އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ވަނީ ދީފައެވެ. މިއީ ދެކުނުގެ ރައްޔިތުންނަށް ހިތުގެ ބަލިތަކުގެ ފަރުވާ ހޯދުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.
މިއީ ސިއްޙީ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

