ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މޮނިޓަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގައި މޮނިޓަރަކަށް ވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. މީގެ އިތުރުން ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެ ފަރާތަކީ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ، ޓީވީ، ނޫސް ނުވަތަ މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން ކޮމިޝަނަށް ކަށަވަރުވާން ޖެހެއެވެ. ހަމައެއާއެކު، އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ވެގެން ނުވާނެއެވެ. އަދި އިންތިޚާބުގައި އެއްވެސް މަޤާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެގެން ނުވާނެއެވެ. ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ތަބާވުމަށް އިޤުރާރުވާން ޖެހޭނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. މީޑިއާ އިދާރާތަކުން ޑޭޓާ ލިއޭޒަނެއް ކަނޑައަޅައި، އެ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ފޯމު އަށް އީ-މެއިލް ކުރަންޖެހެއެވެ. މި ފޯމާއެކު މީޑިއާގެ ރަޖިސްޓަރީ އާއި ލިއޭޒަންގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ މީޑިއާ އިދާރާއަކަށްވެސް ވޯޓުލާ ކޮންމެ ސަރަޙައްދަކަށް ހުއްދަ ދެވޭނީ އެކަކަށެވެ. އަދި ވޯޓުލާ މަރުކަޒެއްގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް މޮނިޓަރަށެވެ. ބްރޯޑްކާސްޓްކުރާ މީޑިއާތަކަށް މަރުކަޒުތަކުގައި ޖާގަ އޮތް މިންވަރަކުން ފުރުޞަތު ދެވޭނެއެވެ.
މޮނިޓަރުން ފޮޓޯ ނެގުމާއި ރެކޯޑް ކުރުމުގައި ވޯޓުލާ ބޫތާ 10 ފޫޓަށްވުރެ ކައިރިވެގެން ނުވާނެއެވެ. އަދި ވޯޓުގުނާ ސަރަޙައްދުގައި މަސައްކަތްކުރާ މީހުންނަށް ދަތިނުވާނެހެން އަމަލުތައް ބެހެއްޓުމަށާއި، ކޮމިޝަނުގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިރުޝާދު ދީފައެވެ.

