logo

ބީއެމްއެލްއިން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހޯމް ފައިނޭންސިންއެއް ތައާރަފްކޮށްފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިންއެއް ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތައާރަފުކުރި މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފް ވިދާޅުވީ، މި ފެސިލިޓީއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަރުވާކުރެވިފައިވާ ފެސިލިޓީއެއް ކަމަށެވެ.

"މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް." ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށް ވެސް ބަލާނެއެވެ. އަދި މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ އަކަށެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފައިނޭންސިންގ ފެސިލިޓީ ދޫކުރާނެއެވެ. އެހެންކަމުން މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. އަދި އިތުރު މަޢުލޫމާތު https://www.bankofmaldives.com.mv/ އިން ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.


ad