ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމަށްޓަކައި ތައްޔާރުކުރާ ވަގުތީ މާރުކޭޓު، މިމަހުގެ 17 ވާ އަންގާރަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މާރުކޭޓު ތަރައްޤީކުރަމުން ދަނީ މާލޭގެ ނޯތު ހާބަރު ސަރަޙައްދުގައި ކުރިން ކެފޭއެއް ހިންގި ތަނުގައެވެ. މި މަޝްރޫޢަކީ ރޯދަމަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މާރުކޭޓުގައި ވިޔަފާރިކުރުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް އޮންނާނެއެވެ. މިއީ އާންމު ރައްޔިތުންނަށް ފަސޭހައިން ތާޒާ ތަރުކާރީއާއި މޭވާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާ ވަގުތުތަކެކެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މި މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ވެސް ލިބިގެން ދާނެއެވެ.
މިހާތަނަށް މި މާރުކޭޓުގައި ބައިވެރިވުމަށް ދަނޑުވެރިކަން ކުރާ 7 ރަށަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ބާވަތްތަކަށް މަޝްހޫރު ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ރަށްތައް ހިމެނެއެވެ. މި މާރުކޭޓުގައި މުދާ ވިއްކުމުގެ ހުރިހާ ކަމެއްގައިވެސް ހަރަކާތްތެރިވާނީ ހަމައެކަނި ދިވެހިން ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. މި މާރުކޭޓު ހުޅުވުމާއެކު، ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި، ދިވެހި އުފެއްދުންތަކަށް އޮންނަ ތަރުހީބު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

