logo

މުދަލުގައި އަގު ނުޖަހާ 17 ފިހާރައަކަށް ނޯޓިސް ފޮނުވައިފި

މަޒީ
17 ގަޑިއިރު ކުރިން

ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ޤާނޫނާ އެއްގޮތަށް އަގު ޖަހާފައިވޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގެ ތެރެއިން، މުދަލުގައި އަގު ނުޖަހާ 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.

އިގްތިސޯދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރި ޕޯސްޓެއްގައި ވިދާޅުވީ، ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާ ފިހާރަތައް ބަލައި ފާސްކުރުމުގެ މަސައްކަތް މި މަހުގެ 15 އިން 20 އަށް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މުއްދަތުގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެތެރެއިން ޤާނޫނާ އެއްގޮތަށް މުދަލުގައި އަގުޖަހާފައި ވަނީ 17 ފިހާރައެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

އަދި އަގު ޖަހާފައިނުވާތީ ޤާނޫނާ އެއްގޮތަށް އަގު ޖެހުމަށް އަންގާ 17 ފިހާރައަކަށް ނޯޓިސް ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ފިޔަވަޅު އަޅަން ފަށާފައި މިވަނީ، ވިޔަފާރި މަރުކަޒުތަކުން މުދާ ގަންނައިރު އަގު ސާފުވާން ނުހުންނަކަމުގެ ޝަކުވާ އާންމުންގެ ފަރާތުން މެދުނުކެނޑި ލިބެމުންދާތީ، އެކަން ހައްލުކުރުމަށް މި މަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން އިއުލާނުކުރުމަށް ފަހުގައެވެ. މުދާ ގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ވިޔަފާރީގެ މާހައުލު ހަރުދަނާ ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ.

ގާނޫނުގައިވާ ގޮތުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ ދެ ގޮތަކަށެވެ. އެ ދެގޮތަކީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމާއި އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަނޑައެޅިގެން ސާފުވާން ހުރުމެވެ.

އެހެންކަމުން، މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިގްތިސޯދާ ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.

މީގެއިތުރުން، ވިޔަފާރިތަކުން މި މިންގަނޑުތަކަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓާ ކުރަމުން ގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި ޤާނޫނާ ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ad