ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ އަޑު" ބައްދަލުކުރެއްވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ މިސިލްސިލާގެ ފުރަތަމަ ބައްދަލުކުރެއްވުންތަކުގައި ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށް ނަންނޯޓުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ. ނަން ނޯޓުކުރުމުގެ ފުރުޞަތު މިމަހުގެ 15 ވާ ބުދަ ދުވަހުގެ ރޭ މެންދަމު 12 ޖެހުމާއި ހަމައަށްވަނީ ހުޅުވާލާފައެވެ. ފުރަތަމަ ބައްދަލުކުރެއްވުން ޖުލައި މަހުގެ 26 ހުގެ ކުރިން ބޭއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފައެވެ.

