ތ. އަތޮޅުން މީހަކު ގެއްލުނުތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވަނިކޮށް، އެ އަތޮޅު ފަޅުރަށެއް ކަމަށްވާ ކަނޑުފުށީގެ ގޮނޑުދޮށަށް ލައްގާފައި އޮތް އިންސާނެއްގެ ދަތްޕިލާއެއް ކަމަށް ބެލެވޭ ދަތްޕިލައެއް ފެނިއްޖެއެވެ.
މި ދަތްޕިލާ ފެނިފައިވަނީ ކަނޑުފުށްޓަށް ދަތުރު ގޮސް އުޅުނު އެ އަތޮޅު ވޭމަންޑޫގެ ޒުވާނަކަށް، އެ ރަށުގެ ރާޅުޖަހާ ހިސާބު ގޮނޑުދޮށުންނެވެ. އެ ޒުވާނާ ވަނީ މިކަން ވަގުތުން ފުލުހުންގެ ސަމާލުކަމަށް ގެނެސް ރިޕޯޓުކޮށްފައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް، ފެނުނު ކަށިގަނޑު މިހާރު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ، ކަނޑުފުށިން ކަށިގަނޑެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، ނަމަވެސް އެއީ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ކަށިގަނޑެއްކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ ތަހުލީލުތަކާއި ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.
ފަޅުރަށަކުން މިފަދަ ކަށިގަނޑެއް ފެނިފައިވާއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ދަތުރުކުރި "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި، ސަލާމަތްވުމަށް މޫދަށް ފުންމާލި ޒުވާނަކު ވަނީ ގެއްލިފައެވެ. ޕޮލިޓެކްނިކްގައި އާކިޓެކްޗާ ކިޔަވަމުންދިޔަ އެ ޒުވާނާ ހޯދުމަށް އެމްއެންޑީއެފުން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައި ފާސްކުރި ނަމަވެސް، މިހާތަނަށް އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.
އެހެންނަމަވެސް، ކަނޑުފުށިން ފެނުނު ދަތްޕިލައާ އެ ހާދިސާގައި ގެއްލުނު ޒުވާނާއާ އެއްވެސް ގުޅުމެއް ވާކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ތ.ކަނޑުފުށި ގޮނދުގޮށުން އިންސާނެއްގެ ދަތްދޮޅިއަކާ ވައްތަރު ކަށިގަނޑެއް ފެނިއްޖެ
މަރްޔަމް
2 ގަޑިއިރު ކުރިން

ތ. ކަނޑުފުށިން ފެނުނު ކަށިގަނޑު
