ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި ހުރިހާ ޚިދުމަތެއް ވަގުތީގޮތުން ވިލިމާލޭގައި ހުންނަ 'އަމާން ހިޔާ'އަށް ބަދަލުކޮށްފިއެވެ.
ވިލިމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކޮށްފައިވަނީ ވިލިމާލެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް ޖާގަ ހޯދުމުގެ ގޮތުންނެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި 112 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާއިރު، މި އާ ހޮސްޕިޓަލް ވެސް އިމާރާތް ކުރަން ހަމަޖެހިފައިވަނީ ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އައި ބިމުގައެވެ.
ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލު އެޅުމަށް "ލެޓާ އޮފް އެކްސްޗޭންޖު"ގައި ސޮއިކުރެއްވުމަށް މިދިޔަ ޖޫން މަހުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އާ ހޮސްޕިޓަލް 2027 ވަނަ އަހަރަށް ނިންމައި ހުޅުވުން ކަމަށެވެ.

