logo

ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް އަމަލުކުރަން ފަށައިފި

އާމިނަތު މޫސާ
2 ދުވަސް ކުރިން

ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުން ނުވަތަ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) އަށް ރަސްމީކޮށް ޢަމަލުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ރާއްޖެ އަދި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާޢަތުތައް ނިންމައި، ފައިނަލް ނޯޓިފިކޭޝަން ބަދަލުކުރުމަށްފަހު، މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ 01 އޮގަސްޓު 2026 އިން ފެށިގެންނެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީވިލާތަށް ކަމަށްވާ އިރު، އެމަނިކުފާނު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި ބައްދަލުކުރައްވާ، ވިޔަފާރިއާއި އިންވެސްޓްމެންޓް ދައިރާ ހިމެނޭހެން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

"މޯލްޑިވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް" ގެ ނަމުން ނަންދެވިފައިވާ މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ޑިއުޓީ މައާފުވެ ނުވަތަ ކުޑަވެގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން ފާހަގަކުރައްވައި ވުޒާރާއިން ބުނީ، ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިވެ، 85 މިލިޔަން މީހުންގެ ބޮޑު މާކެޓެއް ދިވެހި މަސްވެރިންނަށް ހުޅުވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ތުރުކީވިލާތުން އަސާސީ ކާބޯތަކެތި އެތެރެކުރުމުގައި ލުއިތަކެއް ލިބި، ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތައް އިތުރުވުމުގެ ސަބަބުން ތަކެތީގެ އަގު ހިފެހެއްޓުމަށް އެހީތެރިވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ad