ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އިޢުލާނު ކޮށްފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ މަޤާމަށެވެ. މީގެ ކުރިން 12 ފަހަރު މި ލަޤަބު ހޯދާފައިވާ މި އެއަރޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއަރޕޯޓުގެ ގޮތުގައި މި އެއަރޕޯޓުން ދަމަހައްޓަމުންދާ މަޤާމު ރަމްޒުކޮށްދޭ ކަމެކެވެ.
މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026" ގެ މަޤާމަށެވެ. މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބަލައިގަތުމެކެވެ.
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
މި ނޮމިނޭޝަންތަކަކީ އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޤާމު ވަރުގަދަކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެކެވެ.

.jpg&w=256&q=75)
