ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާނަމަ ބޮޑު އަދަދުތަކުން ޖޫރިމަނާ ތަކާއެކު ހަރުކަށި ފިޔަވަޅު ތަކެއް ކަނޑައަޅާ ގަވާއިދެއް ހަދައިފިއެވެ.
މިގަވާއިދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމާއި ގުޅޭ ގަވައިދެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމުކޮށްފައިވާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދުގަ އަމަލުކުރާނެ ގޮތަށް ވަނީ މިހާރު ކަނޑައަޅާފައެވެ. އެގޮތުން ކާބޯތަކެތި ބަންދުކުރަންވާނީ ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްފައިވާ ފުޑް ގްރޭޑަޑް މެޓީރިއަލްތަކުގައި ކަމަށާއި، ރާއްޖެއަށް އެތެރެކޮށް، ރާއްޖޭން ބޭރުކުރާ ކާބޯތަކެތީ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ބާވަތްތައް ބަންދުކޮށް، ލޭބަލްކޮށްފައި ހުންނަންވާނެގޮތް ވެސް ވަނީ ބުނެދީފައެވެ.
އަދި ކާބޯތަކެތި ބަންދުކުރުމުގެ މަރުހަލާގައި އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އަދި ޙާއްސަކޮށް ސިއްޙަތަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެ ފަރާތަކަށް ކާބޯތަކެތީގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަން ނުވަތަ ރަޖިސްޓްރޭޝަން ހިފެހެއްޓޭނެ ކަމަށްވެސް ބުނެފައި ވެއެވެ
މިގޮތުން މި ރައްކާތެރިކޮށް ކާބޯތަކެތި ބަންދުނުކޮށް ވިއްކުގެ ކުށަކަށް އަރައިގަންނަ ފަރާތްތައް 10،000 ރުފިޔާ އާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ މީހެއްގެ ރަޖިސްޓްރީ ނުވަތަ ލައިސަން ހިފެހެއްޓޭނެ ކަމަށްވެސް ގަވައިދުގަ ވަނި ބުނެފައެވެ.
އެގޮތުން، ފުރަތަމަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިންސަން 7 ދުވަހަށް ހިފަހައްޓާއިރު ދެވަނަ ފަހަރަށް 100،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން 15 ދުވަހަށް އަދި ތިންވަނަ ފަހަރަށް އެފަދަ ކުށެއް ކޮށްފިނަމަ 750،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ.
މީގެ އިތުރުން އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ އެ އަމަލެއް ކުރި މީހަކު 1،000،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ ޚިލާފަށް ކާބޯތަކެތި ލޭބަލްކުރުމަކީވެސް ކުށެކެވެ. މި ކުށަށް ފުރަތަމަ ފަހަރަށް އަރައިގަންނަ މީހާ 10،000 ރުފިޔާއިން ޖޫރިމަނާކުރާއިރު ދެވަނަ ފަހަރަށް 100،000 ރުފިޔާއިން، 3 ވަނަ ފަހަރަށް 500،000 ރުފިޔާއިން އަދި 4ވަނަ ފަހަރަށް ކުށަށް އަރައިގެންފިނަމަ 750،0000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން 5ވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 1،000،000 ރުފިޔާއިން އެ މީހަކު ޖޫރިމަނާކުރުމުގެ އިތުރުން ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލްކުރެވޭނެއެވެ.
ޕެކޭޖްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތަކަށްވެސް ވަނީ ޖޫރުމަނާތައް ކަނޑަައަޅާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5،000 ރުފިޔާގެ ޖޫރިމަނާއެއް. 2ވަނަ ފަހަރަށް 25،000 ރުފިޔާގެ ޖޫރިމަނާއެއް. 3ވަނަ ފަހަރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް. 4 ވަނަ ފަހަރަށް ކަމަށްވާނަމ 75،000 ރުފިޔާގެ ޖޫރިމަނާއެއް. އަދި 5ވަނަ ފަހަރަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.

.jpg&w=256&q=75)
