ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް މަހެއްގެ މައްޗަށް 63 ޓަނުގެ ސީވީޑް ނުވަތަ މޫދު ވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަމުންދާކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބް ވިދާޅުވީ، ބ. ފެހެންދޫގައި އަމިއްލަ ކުންފުންޏަކުން ކުރިއަށްގެންދާ މޫދުވިނަ އާލާކުރުމުގެ މަސައްކަތަކީ ވަރަށް ކާމިޔާބު ތަޖުރިބާއެއް ކަމަށެވެ. އެގޮތުން އެންމެ 100 ކިލޯގެ މޫދުވިނައިން ފެށި މި މަސައްކަތް ފުޅާވެ، މިހާރު މަހަކު 5 ކޮންޓެއިނަރު ނުވަތަ 63 ޓަނުގެ ހިއްކި ވިނަ އެކްސްޕޯޓް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ސީވީޑް އާލާކުރުމުގެ މަސައްކަތް މިހާރު ކުންފުންޏަކުން ތަޖުރިބާކޮށްފައިވާކަމަށެވެ. އެ މަސައްކަތް ފެނިގެންދަނީ ވަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. އެގޮތުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގއ. އަތޮޅުގައިވެސް ދިވެހި އިންވެސްޓަރުންތަކެއް މޫދުވިނަ އާލާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ދާއިރާއަށް ވަނުމަށް އިތުރު ޕްރޮޕޯސަލްތައްވެސް ލިބެމުންދާ ކަމަށެވެ. އަދި ކުރިމަގުގައި މިއީ ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް ގައުމަށް ހޯދައިދޭނެ ދާއިރާއަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް 'މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ހާއްސަ ސްކީމެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްގީކުރަން 5 ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އެ 5 ސަރަޙައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.
