logo

ކޮރަޕްޝަން ތަހުގީގުކުރާނެ އިންވެސްޓިގޭޓަރުން ނެތުމުން އެކަމަށް ތަމްރީން ކުރުމުގެ މަސައްކަތް ފަށަނީ

ދިޔާމާ އިބްރާހިމް
4 ގަޑިއިރު ކުރިން

ރާއްޖޭގައި ކޮރަޕްޝަން ތަހުގީގުކުރާނެ އިންވެސްޓިގޭޓަރުން ނެތުމުގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓްކޮށްފައިވާ ޑިޕްލޮމާ ކޯހެއް އަންނަ އަހަރު ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ.

މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުގީގުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ގާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ނެތުން ކަމަށެވެ.

އަންނަ އަހަރު ފެށުމަށް ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ މި ކޯހަކީ އެ މައްސަލަ ހައްލުވެ، ބައިނަލްއަގްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއްގެ ގޮތުގައި ތައްޔިބު ސިފަކުރެއްވިއެވެ.

މި ކޯހަކީ ތަޙުގީގީ ދާއިރާގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ކޯހެކެވެ. މި ކޯހުގެ ތެރެއިން ތަޙުގީގީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.

މީގެ އިތުރުން، ގާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ގާބިލުކަން ބިނާކުރުމަށް ވެސް މިކޯހުގައި އިސްކަންދޭނެއެވެ

ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަޙުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދެވޭނެއެވެ.

ރާއްޖޭގައި ކޮރަޕްޝަން ތަހުގީގުކުރާނެ އިންވެސްޓިގޭޓަރުން ނެތުމުގެ މައްސަލަ އޮތްކަން އޭސީސީން ފާހަގަ ކޮށްފައިވާއިރު، އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ނުބެލި ދިގުލައިގެން ދިޔުމުގެ ޝަކުވާތައް އަބަދުވެސް އޮވެއެވެ.

އެހެން ކަމުން މި ޕްރޮގްރާމްގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުވެ، ޤައުމީ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކަމެއް ލިބިގެންދާނެއެވެ.

ad