logo

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ކުރީގެ ރައީސް ސޯލިހު ނިންމަވައިފި

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ނިންމަވައިފި އެވެ.

ދިވެހިޗެނަލްއަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހް ރިޔުާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ އެމަނިކުފާނުގެ އަރިސް ބޭފުޅުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނުކުރައްވާފައެއް ނުވެއެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައި މިވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އެމަނިކުފާނު އެކަމުގައި ގޮތެއް ނުނިންމަވާތީ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއްގައި ތިބި ވަގުތެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ސާފުކޮށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް ސޯލިހްގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އިސްމާއީލް އެވެ. ފައްޔާޒު ވަނީ ހާއްސަ ހާލަތެއް ދިމާވެގެން ނޫން ގޮތަކަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އަދި ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށްވެސް ރޭގެ ވަގުތެއްގައި ވިދާޅުވެފައެވެ.

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަސް އަދި އިއުލާނުކޮށްފައިނުވާއިރު އެނގިފައިވާ ގޮތުގައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ތެރޭގައި ޕްރައިމަރީ ބޭއްވުމަށެވެ.

ad