logo

ފިނިފެންމާ

މަރްޔަމް
5 ގަޑިއިރު ކުރިން

ފިނިފެންމަލަކީ އޭގެ ޒާތުގައި ގުދުރަތީ ގޮތުން މީރުވަހެއް އެކުލެވިގެންވާ މަލެކެވެ. މިއީ އާއްމުކޮށް އޭޝިޔާ އާއި އުތުރުގެ ފިނި ހިސާބުތަކުގައި ވަރަށް ގިނަ އަދަދަކަށް އާމްދަނީ ހޯދުމަށާއި އެކިއެކި އެހެނިހެން ބޭނުންތަކުގައި ހައްދާ އުޅޭ، އޭގެ ބާވަތްތަކާއި ކުލަ ތައް ގިނަ މަލެކެވެ. ފިނިފެން މަލުގެ އާންމު ކުލަތަކުގެ ތެރޭގައި ހުދު ކުލަ، މެރޫން ކުލަ، ރީނދޫ އަދި ފިޔާތޮށި ކުލައިގެ ވަރަށް ގިނަ ކުލަތައް އެކުލެވިގެންވެއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހެދޭ ފިނިފެންމަލުގެ ވަސް ތަފާތެވެ. މިހެން ދިމާވާ ސަބަބަކީ އެ ހައްދާ ސަރަހައްދުތަކުގެ މޫސުމުގެ ތަފާތުކަމެވެ.

މި މާ ، ވެލެއްގެ ސިފައިގައިވެސް އަދި ގަހެއްގެ ސިފައިގައިވެސް ހެދިފައި ހުރެއެވެ. ތުނޑު ތުނޑު ލާފައި ހުންނަ ފަތްތަކަކާއި ތޫނު ކަށިތަކެއް ގަހުގެ ނުވަތަ ވެލުގެ ތަނޑިން ފަޅާފައި ހުންނަ ގަހެކެވެ. ވަލުތެރޭގައި ހެދޭ ފިނިފެންމަލުގައި އާންމުގޮތެއްގައި ފަސްފިޔަ ހުރި ނަމަވެސް އާްމުކޮށް ފެންނަ ފިނިފެންމަލުގައި ވަރަށް ގިނަ ފިޔަ އެކުލެވިގެންވެއެވެ. މިމަލަކީ ގާތްގަނޑަކަށް އޭގެ ބޮޑު މިނުގައި 1.25 ސެންޓިމީޓަރު ނުވަތަ 0.5 އިންޗި އޭގެ ވަށަމިނުގައި ހުންނަ މަލެކެވެ. ނަމަވެސް ހައިބްރިޑްކޮށް ހައްދާ މިމަލުގެ ބާވަތްތަކުގައި 17.5 ސެންޓިމީޓަރ ނުވަތަ 7 އިންޗިވެސް ހުރެއެވެ. މި މަލުގެ ކަރުގަނޑުގައި އާއްމުކޮށް ހުންނަނީ ކުދި ފުއްތަކެކެވެ. މިފުއްތަކުގެ ކުލަ އަކީ ރަތް ކުލަޔާއި އޮރެންޖް ނުވަތަ ގަދަ ރީނދޫ ކުލައެވެ. ފިނިފެންމަލަކީވެސް އެހެނިހެން ބާވަތްތަކުގެ މާމެލާމެލި ފަދައިން އޮށް އިންދައިގެންނާއި އޮފި ބުރިކޮށް، އިންދާ ރޯކޮށްގެން ވެސް ހެދޭ މަލެކެވެ.

ފިނިފެންމާ ގަހަކީ ގިނަ ބަލިތަކެއް އޭގެ ޒާތުގަ ފަސޭހައިން ޖެހޭ ބާވަތެއްގެ ގަހެކެވެ. މިގަހަށް ޖެހޭ ބައެއް ބަލިތަކުގެ ތެރޭގައި ހުދުކޫޑި ކަޅު ކޫޑި އަދި ފަންގަސް އާއި ދަގަނޑު ބަލި ފަދަ އެތައް ބައްޔެއް ހިމެނެއެވެ. މިބަލިތަކަކީ އަވަސް ގޮތެއްގައި ފަރުވާ ނުކުރެވިއްޖެ ނަމަ ގަހަށް ބޮޑެތި ގެއްލުންތައް ލިބި ގަސް މަރުވާ ފަދަ ބަލިތަކެވެ. މި ގަހަށް އަރާ އުޅޭ އެންމެ އާންމު ބާވަތުގެ ސުއިއްޕަކީ އެޕިޑިސް ނުވަތަ ދޮންމޫސަ ދޫނި ފާޑުގެ ސޫއްޕެކެވެ.

ފިހާރަތަކަށް ވިއްކަން ގެނެސް ބަހައްޓާފައި ހުންނަ ގިނަ ފިނިފެންމަލަކީ ހައިބްރިޑްކޮށް ހައްދާފައި ހުންނަ ފިނިފެންމަލުގެ ވައްތަރުތަކެވެ. މި ބާވަތުގެ މަލަކީ ގްރީން ހައުސް ނުވަތަ ބަގީޗާ ތަކުގައި ހައްދާފައި ހުންނަ މަލެވެ.

ފިނިފެންމަލަކީ އޭގެ ތަނޑި އަދި މާ ވެސް ބޭނުން ކުރެވޭ އެއްޗެކެވެ. މިގޮތުން ސެންޓްގެ ބާވަތްތަކާއި ހަންގަނޑުގައި އުނގުޅާ ބައެއް ވައްތަރުގެ ކްރީމްއާއި ތެލާއި ލިޕް ބާމް ފަދަ މޭކަޕްގައި ބޭނުން ކުރާ ބައެއް ސާމާނު މިމަލުގެ ފަތާއި ތަނޑި އަދި ފިޔަތަކުން އުފައްދައެވެ. ހަމަ މިގޮތަށް ބަދިގޭގައި ކައްކާ ފޮނި އެއްޗެހީގެ ރަހަ މީރުކޮށްލުމަށް އަޅާ ރޯސްވޯޓަރ އަކީވެސް މިމަލުގެ ފިޔައިން އުފައްދާ އެއްޗެކެވެ.

ފިނިފެންމަލުގެ ތާޒާ ފިޔަ އަދި ހިއްކާފައި ހުންނަ ފިޔައިން އުފައްދާފައި ހުންނަ ސައިގެ ބާވަތްތަކަކީވެސް މިހާރު މީހުންގެ ތެރޭގައި މަޤްބޫލުކަން ހޯދަމުން އަންނަ ބުއިމެކެވެ.

ބައެއް ބާވަތުގެ އެއަރ ފްރެޝެނަރ އަދި އުއްބަތި ފަދަ ގޭތެރޭގައި ބޭނުން ކުރާ ބައެއް ސާމާނުތައް އަދި ބައެއް ކަހަލަ ސޫފި މެރުމަށް ބޭނުން ކުރާ ބޭސްތައްވެސް މި މަލުން އުފައްދައެވެ.

ad