ފޯބްސް އާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' ގުލިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބީއެމްއެލް ޖާގަ ހޯދައިފިއެވެ.
މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ.
މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ރިއާޔަތްކޮށްފައިވެއެވެ. މި ލިސްޓު ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު، ޓިއަރ 1 ގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެއެވެ.
ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަގައެވެ. މީގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
މިކާމިޔާބީ އާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެފަދަ ރޭންކިންއެއްގައި ހިމެނުމުން އެ ބޭންކްގެ ވަރުގަދަކަމާއި ފުދުންތެރި ރައުސުލްމާލެއް އޮތް މިންވަރު ޔަގީންކޮށްދޭ ކަމަށެވެ. އަދި މި ކާމިޔާބީއަކީ ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި މުޅި ގައުމުގެ ލާބައަށްޓަކައި މާލީ ހިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ވެސް ވިދާޅުވިއެވެ.
