logo

ޗައިނާއިން ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 190،000 އަށްވުރެ މައްޗަށް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 190،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،155،017 އަށް އަރާފައެވެ. އެގޮތުން އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

ޗައިނާއިން މިއަހަރުގެ މިހާތަނަށް 190،016 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެއީ 164،067 ފަތުރުވެރިންނެވެ. 91،574 ފަތުރުވެރިންނާއެކު 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 1،155،017 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 1،213،647 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ހަމައެހެންމެ 2024 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 1،105،567 ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، 4.8 އިންސައްތަ ދަށްވެފައި ވާއިރު، ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. ވީއައިއޭ މެދުވެރިކޮށް މި އަހަރުގެ މިހާތަނަށް 1،125،664 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ހަނިމާދޫ އެއާޕޯޓް މެދުވެރިކޮށެވެ. އެއީ 2،528 އެވެ.

މީގެ އިތުރުން ސީޕޯޓު މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 15،577 ފަތުރުވެރިންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 820،284 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އަދި ގެސްޓުހައުސްތަކަށް އައިސްފައި ވަނީ 258،538 ފަތުރުވެރިންނެވެ. ހަމައެހެންމެ ހޮޓެލްތަކަށް އައިސްފައި ވަނީ 27،050 ފަތުރުވެރިންނެވެ.

ad