އިންފްރާސްޗަރ މިނިސްޓްރީން މިއަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢު ތަކަށް 58.8 ބިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށް ގެދޮރުވެރި ކަމާއި ބިނާރާ ބެހޭވަޒީރު ޑރ.ޢަބަދުﷲ މުތައްލިބް ވިދާޅު ވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙްމަދު ޝަމްހީދު ލިޔުމުން ޖަވާބު ދެއްވުން އެދިވަޑައިގެން ފޮނުއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ އަބްދުﷲ މުއްތަލިބަށް ފޮނުއްވި ސުވާލުގައި ވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ލަފާ ކުރެވޭ ބަޖެޓަކީ ކޮބާތޯ އަދި އެ މަޝްރޫޢުތައް ހިންގުމަށް މިއަހަރުގެ ބަޖެޓްގައި ކަނޑައެޅިފައި ވަނީ ކިހާވަރެއްތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލުތަކުގެ ޖަވާބު ލިޔުމުން ދެއްވަމުން ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިއަހަރުގެ މަޝްރޫޢުތައް ހިންގުމަށް ކަނޑައެޅިފައިވަނީ ޕްރޮގަރާމް ބަޖެޓަކުން ކަމަށާއި ރާވާފައިވާ ގޮތައް މަޝްރޫޢުތަކުގެ ބަޖެޓް ހަމަ ޖައްސަވާފައި ވަނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އެހެން ކަމުން ވަކިވަކި މަޝްރޫޢު ތަކަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ކަމަށާއި މިއަހަރުގެ މަޝްރޫޢޫތައް ނިންމުމަށް ބޭނުން ވާނެ ކަމށް ލަފާ ކުރެވޭ ބަޖެޓަކީ 58.8 ބިލިއަން ރުފިޔާ ކަމަށެވެ.
ސަރުކާރުން ހިންގާ މަޝްރޫޢު ތަކާ ގުލޭގޮތުން ވާހަކަ ދައްކަވަމުން ރޭ ބޭއްވި " އަހާ" ފޯރަމްގައި ވަޒީރު ހަސަން ޒަރީރު ވިދާޅުވީ މިހާރުވެސް 1273 މަޝްރޫއެއްގެ މަސައްްކަތް ކުރިއަށް ގެންދާ ކަމަށާއި އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ވަގުތުން އަދާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރު ނިންމަން ކަނޑައަޅާފައިވާ މަޝްރޫޢުތަކަށް ހަރަދުވާނެ މިންވަރު ސީދާ އެނގެން ނެތުމާއި ބަޖެޓް ފާސް ކުރިމަރުހަލާގައި ވަކިވަކި މަޝްރޫޢުތަކަސް ފައިސާ ކަނޑައަޅާފައި ނުވާތީ އިދިކޮޅު ފަރާތް ތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

