ސްޓެލްކޯއިން ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށް، ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު، އެމްޑީ ޑރ. އަލީ އަޒުވަރާއި، ކުންފުނީގެ އިސްވެރިން ވަނީ އެ ސިޓީގެ އޮފީހާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވައިފައެވެ. އަދި އިންޖީނުތަކުގެ ހާލަތާއި ކަރަންޓު އުފެއްދުމުގެ ނިޒާމު ހުރިގޮތް ވަނީ ބައްލަވާލައްވާފައެވެ.
ސްޓެލްކޯއިން ދަނީ ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާއި ރަސްމީކޮށް ހަވާލުވަމުންނެވެ. މިގޮތުން މިހާރު ރާއްޖޭގެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވެފައިވާއިރު، މީގެ ކުރިން ވަނީ އައްޑޫގެ ކަރަންޓު ޚިދުމަތާއިވެސް ހަވާލުވެފައެވެ.
ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަމާޒުގައެވެ.

