logo

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް

މަޒީ
ގަޑިއިރެއް ކުރިން

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މި ނާކާމިޔާބީއަކީ އީރާނާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގެ އަސަރު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ބުނެފަވަނީ، އިންތިޚާބުން ނުކުތް ހިތި ނަތީޖާގެ މައިގަނޑު އެއް ސަބަބަކީ އީރާނުގެ މައްސަލަ ކަމަށް ގަބޫލުކުރާ ކަމަށެވެ. ޚާއްސަކޮށް ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އާދަޔާޚިލާފަށް އުފުލި، އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެން ދިއުމަކީ ރައްޔިތުންގެ ނުރުހުން އުފެދުނު މުހިންމު ސަބަބެއްގެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. ނަމަވެސް ތާރީޚީ ގޮތުން ބަލާއިރު އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ ގައުމީ ސަލާމަތަށްޓަކައި އަޅަންޖެހުނު ރަނގަޅު ނިންމެވުމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއާއެކު ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީން ހޯދާފައިވާއިރު، ޓްރަމްޕް ވަނީ ޑިމޮކްރެޓުންނަށް މަރުހަބާ ދަންނަވައި، ގައުމުގެ މަސްލަޙަތަށްޓަކައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިމިގްރޭޝަން ފަދަ މުހިންމު ދާއިރާތަކުން ދެ ޕާޓީ ގުޅިގެން ހައްލުތަކެއް ހޯދިދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ރަނގަޅު ގޮތުގައި އަމަލުކުރާނަމަ އެއްބަސްވުމެއްގައ އަލުން ސޮއިކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ ގައުމުން އިދިކޮޅު ހަރަކާތްތައް ކުރިއަށްދާނަމަ ހަނގުރާމަ ފުރިހަމައަށް ނިންމާލުމަށް ފަސްނުޖެހޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދެއްވާފައެވެ.

ad