logo

ދަރަނީގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކޮށް، އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ދިވެހި ޗެނަލް
ދިވެހި ޗެނަލް
14 ގަޑިއިރު ކުރިން

ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ދިވެހި ޤައުމު ސަލާމަތްކޮށް، އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މިހެން ވިދާޅުވީ، މިރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ތަޤުރީރުކުރައްވަމުންނެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ އޮތް ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބްކުރައްވައި މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެފަރާތްތަކުގެ ޤުރުބާނީގެ އަގުވަޒަންކުރައްވާފައެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީޚު ދުށް ހުރިހާ ޝަހީދުން ވެސް ޚިޔާރުކުރެއްވީ ދިވެހި ވަޠަން ކަމަށާއި، އިސްކަން ދެއްވީ ޤައުމާއި ވަޠަނުގެ މިނިވަންކަމާއި ހަމަޖެހުމާއި އަމާންކަން، އަދި މުސްތަޤުބަލުގެ ތަރައްޤީއާއި ކުރިއެރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ތާރީޚުން ފެންނަން ހުރި ޢިބުރަތްތެރި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޕޯޗުގީޒުންނާއި މަލާބާރީންގެ ޙަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާ އަކީ އަބަދުވެސް އަބާއްޖަވެރިކަންކަމުގައި ހަނދާންކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަންކަމުގައެވެ.

ނޮވެންބަރު ތިނެއްގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއަށް ފަހު، 38 އަހަރު ފާއިތުވެދިޔައިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާކަން ފާހަގަކުރައްވާ، އެ ކުދީންނަށްޓަކާ އަދާކުރާންޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވާކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މިކަންކަމުގެ ބިންގާ ގޮސް ގުޅެނީ ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލުގެ ދެމި އޮތުމުގެ ކަށަވަރުކަމާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޤާއިމުވެފައި އޮތުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމެއްގެ އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤުތިޞާދަކަށް ފުރާނައެޅުވިގެންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޤައުމެއްގެ ޙަޤީޤީ ސިޔާދަތު ކަށަވަރުކުރެވެނީ ސަލާންޖަހަން ނުޖެހޭ ފުދުންތެރި އިޤްތިޞާދެއް ބިނާކުރެވިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާކަމާއި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާކަމުގެ ޔަޤީންކަން އަރުވަމުން، ޤައުމީ ދިފާޢީ ބާރުގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަންވެސް އެމަނިކުފާނުގެ ތަޤުރީރުގައި ހާމަކުރެއްވިއެވެ.

ޤައުމިއްޔަތާއި މިނިވަންކަމާ ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރު ވާނޭ ގޮތަށް ޤައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާފަދަ، އިންޤިލާބީ ބަދަލުތަކާ ކުރިމަތިލާން ޖެހިފައި އޮތްކަން ފާހާގަކުރައްވައި، ޤައުމުގެ އެތެރޭގެ ތަރައްޤީއަށް ދައުލަތުގައި ފުދުންތެރިކަން ޤާއިމުކޮށް، ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދެއްވައިގެން، ތަހުޒީބު ދިވެހިރާއްޖެއެއް ބިނާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އެރުވިއެވެ.

ޤައުމީ ވިސްނުން ހުރި ޒުވާނުންތަކެއް ބިނާކުރުމަށް ފަށާފައިވާ ވަޠަނީ ޚިދުމަތުގެ މަސައްކަތުގެ ދަށުން، ހާހަކަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެ، އެތައް ޒުވާނުންނެއް ވަޒީފާގެ މައިދާނަށް ނުކުމެފައިވާކަން ފާހަގަކުރައްވާ، އަންނަން އޮތް ޖީލުތަކަށް އުފާވެރި ރައްކާތެރި ދިވެހިރާއްޖެއެއް ވާރުތަކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. ތަޤުރީރު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ، ދިވެހި ޤައުމީ ބަހާތަކަށް ދިރުން ގެނެސް، ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަމާއި މިނިވަންކަން ޙިމާޔަތްކުރަން ކަމުގައެވެ. އަދި ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަމާއި ޖަމާޢަތުގެ ބާއްޖަވެރިކަން ނެރެ، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި އުފާވެރި މުސްތަޤުބަލަކަށް އަމާޒު ހިފުމަށް މުޅި ޤައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ad