ޅ. ނައިފަރު ބިން ހިއްކުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މަސައްކަތް ކުރިއަށް ގެންދިޔައީ، އެމްޓީސީސީއާ ޙަވާލު ކޮށްގެނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން ވަނީ 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ%24 ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 679.03 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ނައިފަރަކީ، 5000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ، ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ. އެރަށުގެ ބިން ހިއްކަނީ، އިތުރުވަމުންދާ އާބާދީއަށް ބޯހިޔާވަހިކަން ހޯދައިދިނުމަށާއި، ރަށުގައި އިގްތިސާދީ އަދި އިޖުތިމާޢީ ފުރުސަތުތައް އިތުރު ކޮށްދިނުމަށެވެ.
އެރަށުން 45 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރިއިރު އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ އަރބަން ސެންޓަރ ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށް އިތުރަށް ތަރައްޤީކޮށް އެއީ ސަރަޙައްދީ ފެންވަރުގައި ތަރައްގީކޮށްފައިވާ ތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހެވެ.

