"އީގަލް ހިލްސް" ކުންފުނީގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ އެކަމުގެ ފުރިހަމަ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ޙިއްސާ ކުރެވެންޖެހޭނޭ މަޝްރޫޢެއް ކަމަށް ވިދާޅުވެ ފައިސަލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި މަޝްރޫއާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުން، ޢަމަލުކޮށްފައިވަނީ ، ދެފުށް ފެންނަ ގޮތަށް އެ މަޝްރޫޢުގައި ހިމެނޭ އެންމެހާ ކަންކަން ހާމަކުރުމުގެ ބަދަލުގައި، ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް އޮތް ކަމެއްގެ ގޮތުގައި ކަމަށާއި، މިކަމުގައި ، ކަންތައްތަކެއް ފޮރުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ކަންކަން ސާފުކުރުމަށްޓަކައި އެކި ގޮތް ގޮތުން އިދިކޮޅު ފަރާތްތަކުންނާއި މިނިވަން ނޫސްވެރިން، ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި ސަރުކާރާއި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން މިކަމުގައި އެހީތެރިވެ ސަރުކާރަށް އެކަން ކުރުމަށް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރުމަކީ މިކަމުގެ ނުރައްކާތެރިކަން ހާމަވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އަދި މިއީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދީނީ އެއްބައިވަންތަކަމާއި އިޖްތިމާޢީ ހަމަޖެހުން ގެއްލިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ.
މިމަޝްރޫޢާ ގުޅިގެން ސަރުކާރުން އަމަލުކުރާ ގޮތާމެދު ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން އެބަ އއޮތް ކމަށެވެ، އަދި މިފަދަ ގޮތަކަށް މި މަޝްރޫޢު ކުރިއަށް ގެންގޮސްފިނަމަ، އިޢާދަނުކުރެވޭނެ ވަރުގެ ބޮޑު މާލީ އަދި އިޖްތިމާއީ ގެއްލުމަކާ ދިވެހި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތްކަމެއްކަމަށެވެ.
އަދި ދިވެހިންގެ ދީނީ އެއްބައެއްވަންތަކަމާއި ޒަމާންވީ މިނިވަންކަމާ އަދި އިސްތިޤްލާލަށް ނުރައްކާ ވުމަކީ ނުހަނު ގާތުގައި އޮތް ކަމެއް ކަމަށާއި، މިފަދަ ނުރައްކާތެރިކަން ބޮޑު މަޝްރޫޢެއް ރައްޔިތުންގެ ވިސްނުމާ އިދިކޮޅަށް ކުރިއަށް ގެންދިޔުމަކީ ދެކޮޅު ހަދާ ކަމެއް ކަމެކެވެ.


