ޖުމްހޫރީ ޕާޓީގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ކަށަވަރު ބޯހިޔާވަހިކަން" މި ޝިއާރުގެ ދަށުން މ. ކުނޫޒްގައި ރޭ ކުރިޔަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ގާސިމް އިބްރާހީމްގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
އެހެންވީމަ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުވުމަކީ އަޅުގަނޑުމެންގެ ވެރިކަމެއްގައި މާތްﷲގެ ވާގިފުޅާއެކުގައި އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެން ކަށަވަރުކަންދޭ ކަމެއް. އެކަން އަޅުގަނޑުމެން ކުރާނަން - އަމީން ވިދާޅުވިއެވެ.
"ކަށަވަރު ބޯހިޔާވަހިކަން" މި މައިގަނޑުގެ ދަށުން ގާސިން އިބްރާހިމް ވެވަޑައިގެންފައިވާ ވައުދުތަކަކީ އެއްވެސް ޝައްކެއް ނެތްގޮތެއްގައި އެއީ ހަމަ ވަރަށް ބައްލަވާފައި އަދި އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން ހޯއްދަވާފަ ވެވަޑައިގަންނަވާ ވައުދުތަކެއް ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފައެވެ. އަމީން ވިދާޅުވީ، ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިއަދަކު އެކަނި އޮތްކަމެއް ނޫން ކަމަށެވެ. ވިދާޅުވީ އެއީ ރާއްޖޭގައި ވަރަށް ކުރީއްސުރެން ފެށިގެންވެސް އޮތް މައްސަލައެއް ކަމަށެވެ. އަމީން ވިދާޅުވީ މިއަދު ރާއްޖޭގައި ގެދޮރުގެ ކަންތައްތައް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގައި ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް އެއަށް ޑިމާންޑް ކުރާކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުވުމަކީ ޖޭޕީގެ ވެރިކަމެއްގައި ވެރިކަމުގެ ފަސް އަހަރު ނިމެންވާއިރަށް ކަށަވަރުކަންދޭ ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.