ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އދ. އޮމަދޫގައި ފުޅާ ދާއިރާއެއްގައި ހައިޑްރޯޕޯނިކްސް ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރަށުގެ ރައްޔިތުންނަށް ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ދަސްކޮށްދިނުމެވެ.
25 އޭޕްރީލް އިން 18 މެއި އަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ހިމެނެނީ އުގަންނައިދިނުމުގެ އިތުރުން، ވާރޭ ހިޔާ އަދި ހައިޑްރޯޕޯނިކް ނިޒާމުތައް ޤާއިމުކުރުމުގެ ޢަމަލީ ތަމްރީނުތަކެވެ.
މި ޕްރޮގަރާމްގައި ޖުމްލަ 27 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އަދި އޭގެ ތެރެއިން ހޮވާލެވޭ 10 ފަރާތަކަށް ޢަމަލީ ތަމްރީނާއި ހައިޑްރޯޕޯނިކް ނިޒާމުތައް ލިބިދެވޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ .
އެ ވުޒާރާއިން ބުނީ މި ކޮންމެ ނިޒާމެއްގައި ހިމެނެނީ ދެ ބައެ ކަމަށާއި، އެއީ ފަތްޕިލާވެލި ހައްދާ އެން.އެފް.ޓީ (ނިއުޓްރިއަންޓް ފިލްމް ޓެކްނިކް) ނިޒާމަކާއި، ކަރާއާއި ކިއުކަމްބާ ހައްދާ ވަކި ނިޒާމެއް ކަމަށެވެ. ޖުމްލަ 20 ނިޒާމު ތަމްރީނު ލިބިގަންނަ ފަރާތްތަކަށް ބެހިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަވަނީ އެ ވުޒާރާގެ އޮފިސަރުންކަމުގައިވާ އަބޫބަކުރު، ލަޙްފާން އަދި ޢަބްދުއްލަޠީފް މޫސާއެވެ. މި ބޭފުޅުން ބައިވެރިންނަށް ނިޒާމު ޤާއިމުކުރުމާއި، ބެލެހެއްޓުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ދަސްކޮށްދެއްވާނެއެވެ.
މި މަޝްރޫޢަކީ ވެލިނެތި ދަނޑުވެރިކަން ކުރިއެރުވުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށާއި، އައު އުކުޅުތަކުން ދަނޑުވެރިކަން ކުރުމަށް މުޖުތަމަޢުތަކަށް ބާރު ދިނުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މިހާރު އދ. އޮމަދޫގެ ރައްޔިތުންނަށް ވަނީ ހަރުދަނާ، ފެން ސަލާމަތްކުރެވޭ ގޮތަށް ގަސް ހެއްދުމުގެ އުކުޅުތައް އުނގެނުމުގެ ފުރުޞަތު ލިބިފައެވެ. މިއީ ފެހި މުސްތަޤްބަލަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.